ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 41 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 45 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރުފަހު 2:38 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 41 ވަނަ މީހާއެވެ. އޭނާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވި ތިންވަނަ މީހާއެވެ. މީގެ ކުރިން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 88 އަހަރުގެ ދިވެހި ފިރިހެނަކާއި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ 43 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނެކެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 34 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 12،009 އަށް އަރައިފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 225 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 52 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،132 މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު