ގޫގުލް

ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް އައްޑޫ ކަނޑަށް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް އައްޑޫ ކަނޑަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަހައްދަށް ވެއްޓުމާ ގުޅިގެން ސިފައިން ވަނީ އެ ބެލޫން ނަގައިފައެވެ.

ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫނެއް ގދ ވާދޫގެ ހުޅަނގުން އައްޑޫ ކަނޑުގެ ސަރަހައްދަށް ވެއްޓުނު މައުލޫމާތު ލިބިފައި ވަނީ އިއްޔެ ހެނދުނު 08:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ސަދަން އޭރިޔާގެ ސިފައިންނާއި އެމްއެންޑީއެފް މާލޭ އޭރިއާގެ އޮޕަރޭޝަން ސެންޓަރު އަދި ސިވިލް އޭވިއޭޝަން އާއި އެއާ ޓްރެފިކް ކޮންޓްރޯލް އިން ވަނީ އެކަން މޮނިޓާ ކޮށްފައި ކަމަށްވެސް އެމްްއެންޑީއެފުން މިއަދު ބުންޏެވެ.

އެ ބެލޫން ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ ހަވާލުކުރުމަށް ސަދަން އޭރިޔާ އާއި ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރި ވަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ވެސް ލޫން ޕްރޮޖެކްޓުގެ ބެލޫން އެއް ވަނީ ވެއްޓިފައެވެ.

ގޫގަލް "ލޫން ޕްރޮޖެކްޓް" އަކީ ދުނިޔޭގެ ފަގީރު ސަރަހައްދުތަކަށް އިންޓަނެޓް ދިނުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް އިން ބެލޫން މެދުވެރިކޮށް 1 އެމްބީޕީއެސް ސްޕީޑުގައި އިންޓަނެޓް ދެމުންދާނެއެވެ.

އެފްރިކާ ސަރަހައްދުގައި ގޫގުލް އިން 35 ބެލޫން ބޭނުންކޮށްގެން ހިންގާ މިޕްރޮޖެކްޓުގެ ބެލޫންތައް ރާއްޖެ ސަރަހައްދުން ވެސް ފެނެއެވެ.