ގޫގުލް އިން ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތަށް އައްޑޫ ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި އެ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު، ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ، ހިތަދޫ ހިއްކި ބިމުން ހައުސިން މިނިސްޓްރީއަށް 15،000 އަކަފޫޓު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.

އެ ބިމުގެ ރަޖިސްޓްރީ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްދޭން ކައުންސިލުގައި މިހާރު އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިނާޒު ވިދާޅުވީ ސަރުކާރުން އެ ބިން ބޭނުންކުރަން މިހާރު ނިންމާފައިވަނީ ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތަށް ކަމަށެވެ.

ޝިނާޒު ވަނީ އައްޑޫގެ ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް އެ ބިން ދޫކޮށްލަން ބޭނުން ނުވާތީ، ގޫގުލް ޕްރޮޖެކްޓަށް ދޭ އެ ބިމުން ލިބޭ އާމްދަނީ ސަރުކާރުން ކައުންސިލަށް ދޭ ގޮތަށް ކޮމިޓީގެ އެހެން މެމްބަރުންނާއެކު މަޝްވަރާކޮށް، ކޮމިޓީގެ އިއްތިފާގުން އެގޮތަށް ފާސް ވެސް ކޮށްފައެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ބިމުން ކައުންސިލަށް އާމްދަނީ ލިބޭގޮތަށް އެ ބިން ދޫކުރުމަށްވެސް ނިންމައިފައެެވެ.

އައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ނިންމައި ގޫގުލް އިން އެކަން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހުއެވެ.