ޑޭޓާ އިންފްރާސްޓްރަކްޗަރ ފުޅާކުރުމަށްޓަކައި، އެމެރިކާގެ ޖައްވީ ކުންފުނި ސްޕޭސްއެކްސްއިން ގޫގުލްއާއެކު ކްލައުޑް ކޮމްޕިއުޓިން ޕާޓްނަޝިޕެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ސްޕޭސްއެކްސްގެ ސްޓާލިންކް ގްރައުންޑް ސްޓޭޝަންތަކުގައި ގޫގުލްގެ ކްލައުޑް ހިދުމަތްތައް ބޭނުންކުރަން ފަށާނެއެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ، އަންނަ ހަފުތާގައި ސްޕޭސްއެކްސްގެ ހިއްސާ އާންމުކޮށް ވިއްކަން ފެށުމަށް (އައިޕީއޯ) ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޫން 12 ވަނަ ދުވަހު ފަށާ މި އައިޕީއޯގައި ކުންފުނީގެ އަގު 1.75 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 135 ޑޮލަރަށެވެ. މި އައިޕީއޯ މެދުވެރިކޮށް 75 ބިލިއަން ޑޮލަރުގެ ފަންޑު ހޯދުމަށް އެ ކުންފުނިން އަމާޒުހިފާފައިވާއިރު، މިއީ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު އެއް އައިޕީއޯއަށް ވެގެންދާނެއެވެ.

ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ގޫގުލްއާއެކު ވެވުނު މި އެއްބަސްވުމަކީ ސްޕޭސްއެކްސްގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އާކް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ޗީފް ފިއުޗަރިސްޓް ބްރެޓް ވިންޓަން ސީއެންބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ސްޕޭސްއެކްސްގެ 2 ޓްރިލިއަން ޑޮލަރުގެ ވެލިއުއޭޝަން ހަމައެކަނި ސްޓާލިންކްގެ ވިޔަފާރިންވެސް ސާބިތުކޮށްދެއެވެ. އަދި މި އިންފްރާސްޓްރަކްޗަރގެ ސަބަބުން ކުންފުނީގެ ހިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

ގޫގުލްގެ ޑޭޓާ ސެންޓަރުތަކުގައި ސްޓާލިންކްގެ ޓަރމިނަލްތައް ބެހެއްޓުމުން، ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމާއެކު ހަލުވި އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށްވެސް މި ޕާޓްނަރޝިޕްގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މާލީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ހާއްސަކޮށް، ސްޕޭސްއެކްސްއިން ދާދިފަހުން އެކްސްއޭއައިއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ކޮމްޕިއުޓިން ބާރު މި އެއްބަސްވުމުގެ ތެރެއިން ލިބިގެންދާނެ ކަމަށްވެއެވެ. އަންނަ ހަފުތާގެ އައިޕީއޯއާއެކު، ސްޕޭސްއެކްސް ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޕަބްލިކް ކުންފުންޏަށެވެ.