މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އެ ކްލަބުގައި ހިތްހަމަ ޖެހުމެއް ނެތް ކަމަށް ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއާ ޑިޝޭމްޕްސް ބުނެފިއެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ތައްޔާރުވަމުން އަންނަ ފްރާންސްގެ ސްކޮޑާ ގުޅިގެން ވާހަކަ ދައްކަމުން ޑިޝޭމްޕްސް ބުނެފައި ވަނީ ޕޮގްބާއަށް ޔުނައިޓެޑްގައި އެކަށޭނެ ވަގުތު ނުލިބުމުގެ އިތުރުން، އޭނާ ކުޅޭ މަގާމުގެ ގޮތުން ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށެވެ.
އުމުރުން 27 އަހަރުގެ ޕޮގްބާއަށް މި ސީޒަން ދަނީ އުނދަގޫ ކޮށެެވެ. އަނިޔާގެ މައްސަލަތަކުގެ ތެރެއިން ވަރަށް ބޮޑަށް ފިޓްނަސް ގެއްލިގެން ދިޔަ ދަނޑިވަޅުގައި ޕޮގްބާއަށް ކޮވިޑް 19 ވެސް ޖެހި އޭނާއަށް އިތުރަށް މާޔޫސްކަން ކުރިމަތިވި އެވެ. މިހާތަނަށް ޕޮގްބާ ފުލްކޮށް ކުޅެފައި ވަނީ އެންމެ ދެ މެޗުގައެވެ. އެއީ އާސެނަލް އަދި ޓޮޓެންހަމްއާ ދެކޮޅަށް ލީގުގައި ކުޅެ ބަލިވި ދެ މެޗުގައެވެ. އޭނާއަށް ލީގުގައި ހަމައެކަނި ގޯލް ޖެހުނީ ލީގު ކަޕްގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ.
ޔުނައިޓެޑްގައި ދަށް ފޯމެއްގައި ހުރި ނަމަވެސް، އެންމެފަހުން ފްރާންސާއެކު ކުޅުނު މެޗުތަކުގައި ޕޮގްބާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ. ޑިޝޭމްޕްސްވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.
"ފްރާންސްގެ ގައުމީ ޓީމަކީ ޕޮގްބާއަށް ތަފާތު މާހައުލެއް. ކްލަބުގައި ރަނގަޅަށް ޕާފޯމް ނުކުރާތާ ދުވަސްގަނޑެއް ވެއްޖެ. ޔުނައިޓެޑްގައި ކުޅުމަށް ލިބޭ ވަގުތުކޮޅާއި، ކުޅޭ މަގާމަށްވެސް ބަލާއިރު، އޭނާ ހުރީ އެންމެ ރަނގަޅު ހިސާބެއްގައެއް ނޫން މިވަގުތު. އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އުޅެނިކޮށް ކޮވިޑް 19 ޖެހި ޕޮގްބާ މެންޓަލީ ބަލިކޮށްލި. ޕޮގްބާ ތަންކޮޅެއް ލަސްކޮށް ފެނުނު ނަމަވެސް، އޭނާގެ ފަރާތުން ކުރިއެރުންތައް އެބަ ފެނޭ. އެކަމަކު ޔުނައިޓެޑްގައި ޕޮގްބާ ހުރީ އުފަލަކުން ނޫން. އެކަން އެނގޭ،" ޑިޝޭމްޕްސް ބުނެފައި ވެއެވެ.
ޔުނައިޓެޑްގައި ޕޮގްބާ ހުރީ ހިތްހަމަ ޖެހިގެން ނޫން ކަމަށް މީގެ ހަފްތާއެއް ކުރިން ބައެއް މީޑިއާތަކުންވެސް ބުނެފައި ވެއެވެ. އެގޮތުން ޔުނައިޓެޑް ދޫކޮށް، ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވެދާނެ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު