މާދަމާ ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހާއި އެ ދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރަށް މިއަހަރު ހަ ދުވަހެއް ބަންދުކުރައްވަން ރައީސް އިބްރާހިމް ސޯލިހު ނިންމަވައި އެކަން އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ދުވަސްތައް ކުރިން ކަނޑައެޅުއްވީ ރައީސް އޮފީހުން އޭރު ބުނި ގޮތުގައި، ދުރާލައި އެދުވަސްތައް ރޭވުމުގެ ފުރުސަތު ދިނުމަށެވެ.
އެގޮތުން މި އަހަރުގެ ޖުމްހޫރީ ދުވަސް، ނޮވެމްބަރު 11 އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހެކެވެ. އަދި ޑިސެމްބަރު މަހު އިއުލާން ކުރި ދުވަސްތަކުގެ ތެރޭގައި ނޮވެމްބަރު 12 ވަނަ ދުވަސް ވެސް ހިމަނާފައިވެ އެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ ދުވަސް ވެސް ބަންދު ވެ، ސަރުކާރު މުވައްޒަފުންނަށް ދިގު ބަންދެއް ލިބިގެންދާނެ އެވެ.