ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނީން ބުނީ މުޅި މަޝްރޫއުގެ 13 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް ގުރައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 28 އިންސައްތަ ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 9 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމަށް ނިންމާފައިވަނީ 16،533 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކަމަށެވެ. އަދި 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް އަދި 370 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި މަޝްރޫއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.