މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓުގައި އަންނަ މާޗް ހިސާބުގައި ސޮއިކުރެވޭނެ ކަމަށް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް އަޅާ 6.7 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބްރިޖެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އިންޑިއާ އިން މިހާރު ޕްރީ ކޮލިފިކޭޝަނަށް ހުޅުވާލާފައިވާއިރު، އެތަނުން ޕްރީ ކޮލިފައިވާ ބަޔަކަށް ޓެންޑަރުގެ ލިޔެކިޔުންތައް ހަވާލުކުރާނެ ކަމަށެވެ. އަދި ޓެންޑަރު ލިޔުންތަކާއި ބްރިޖުގެ ޑިޒައިނާއި ސާވޭތައް ވެސް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
"ޑިސެމްބަރު މަހުގެ ތެރޭގައި ޓެންޑަރު ޑޮކިއުމަންޓްސް ރިލީސް ކުރެވޭނެ. ދެން ގާތްގަނޑަކަށް ދެ މަސް ލާފައި އަދި އިތުރު އެއް މަސް ނުވަތަ ދެ ހަފުތާ އިވެލުއޭޝަނަށް ލާފަ، ގާތްގަނޑަކަށް ޓުވާޑް ދަ އެންޑް އޮފް މާޗް މި އުންމީދު ކުރަނީ ކޮންޓްރެކްޓް ހަވާލު ކުރެވޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫއު ބަޔަކާ ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ އެވެ. އެހެންކަމުން ޝެޑިއުލްއާ އެއްގޮތަށްދާނަމަ 2023 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފަ އެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓުގައި އެ މަޝްރޫއަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 469 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު