ކޮވިޑުގެ ސަބަބުން ގައުމަށް ދިމާވެފައިވާ މި ހާލަތުގައި ދަރަނީގެ ކަންކަމާއި ބަޖެޓުގެ ކަންތައްތަކުގައި އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ފައްޔާޒު ވިދާޅުވީ މިއީ ރާއްޖޭގެ އިގުތިސޯދަށް މިހާ ބޮޑު ލޮޅުމެއް އައި ދުވަސްވަރެއް ފެންނަން ނެތް ކަމަށާއި މިއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. މިއީ ގުދުރަތީ ގޮތުން ދިމާވެފައިވާ ހާލަތެއް ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ފާޑުކިޔަން ޖެހޭނެ ކަމަށާއި ސިޔާސީ ގޮތުން ސަރުކާރު ބަލިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް މިފަދަ ހާލަތެއްގައި އޮޅުވާލައިގެން ކުރަން ނުޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެއީ ގައުމާއި ދީން ދެކެ ލޯބިވުން ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދަރަނީގެ ކަންތައްތަކާއި ބަޖެޓުގެ ކަންތައްތަކާއި މި ކަންތައްތަކުގައި އެއްބާރުލުން އިދިކޮޅު ފަރާތްތަކުން ދޭން ޖެހޭ ވަގުތެއް މިއީ. ހަމަޖެހިލަންދެން. އެއަށްފަހު އެންމެ ރަނގަޅު ދޮގު ހަދައިގެން ވާހަކަ ދެއްކިޔަސް، އެހެން ގޮތަކަށް ވާހަކަ ދެއްކިޔަސް،" ފައްޔާޒު ވިދާޅުވިއެވެ.
ދަރަންޏާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ދަރަނީގެ ގޮތުގައި ނެގުމަށް ހިމަނާފައިވަނީ ހަ ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އިތުރަށް 10 ބިލިއަން ރުފިޔާ ނަގަން ޖެހިފައިވާ ކަމަށެވެ. ކޮވިޑްގެ ސަބަބުން އާމުދަނީއަށް ލިބެން އޮތް 16 ބިލިއަން ރުފިޔާ އެއްކޮށް ގެއްލިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބޯޑަރު ބަންދުކޮށް، ދުނިޔޭގެ ބޯޑަރު ބަންދުކޮށް އެންމެން ގެއަށް ވަންނަން ޖެހުމުން، ދެން އަޅުގަނޑުމެން ކުރަން މި ޖެހުނު ކަމަކީ ދަރަނި ނަގަން ޖެހުން. ދަރަނި ބޮޑުވާތީ ވަރަށް ގިނަ ބޭފުޅުންގެ ކަންބޮޑުވުން އެބައޮތް. އަޅުގަނޑުމެންގެވެސް ކަންބޮޑުވުން އެބައޮތް. އެކަމަކު އަޅުގަނޑުމެން ދަރަނި މި ނަގަނީ ދަރަނި ނުނަގައި ސިވިލް ސާވިސް މުއައްޒަފުން ގެއަށް ފޮނުވާލަންވީހޭ. އާސަންދަ ހުއްޓާލަންވީހޭ. އެންސްޕާ ހުއްޓާލަންވީހޭ. ކިޔަވާދިނުމުގެ ކަންތައް ހުއްޓާލަންވީހޭ. އެކަންތައްތައްތޯ ނުވަތަ ދަރަނި ނަގައިގެންވެސް މިކަން ކުރެވޭނެ ގޮތެއްތޯ މި ބަލަނީ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދުނިޔެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވާނެ ކަމުގެ އުންމީދު ފެންނަމުންދާ ކަމަށާއި އެހެންކަމުން މި ނަގާ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ އިގުތިސޯދު ކުރިއަށް ގެންދިއުމަށްޓަކައި މިއަހަރާއި އަންނަ އަހަރުވެސް ދަރަނި ނަގާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް މި ސަރުކާރުގެ އިހުލާސްތެރިކަން ދެއްކިއްޖެ ކަމަށާއި ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ މީހުން ބަންދު ނުކުރާ ކަމަށެވެ. މި ސަރުކާރުން ބަދަލުތައް ގެންނަކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ކޮވިޑުގެ މި ހާލަތުން އަރައިގަތުމަށް ގެންނަ ބަދަލުތަކަށް އިތުބާރު ކުރުމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު