މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ބެލެވެނީ 70.4 ބިލިއަން ރުފިޔާގައި ކަމަށާއި މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅު ވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު އެ އަދަދަށް ދަރަނި ހުންނާނެ ކަމަށް ބެލެވުނަސް، މި ހިނގާ 2020 އަހަރަށް ފާސްކުރި ބަޖެޓުގައި ދަރަނި ހުންނާނެކަމަށް ލަފާކުރީ 58.4 އިންސައްތައިގައި ކަމަށެވެ.
ނަމަވެސް ކޮވިޑް 19 އާއެކު ކުރިން ލަފާކުރި މިންވަރަށް ވުރެ 10 ބިލިއަން ރުފިޔާ މިއަހަރު ޑެފިސިޓަށް އިތުރުވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ހާލަތު މެދުވެރި ނުވިނަމަ އެއީ ދަރަންޏަށް އިތުރުވާނެ މިންވަރެއް ނޫން ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގެ ދަރަނި މައްޗަށް ދިއުމާއި އިގުތިސާދީ ކުރިމަގާ މެދު ހިރާސްތަކެއް ހުރިކަން އެއީ ދެބަސްވެވޭކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއީ ރާއްޖެއަށް އެކަނި ދިމާވި ކަމެއް ނޫން ކަމަށާއި، މިއީ ސިޔާސަތުގައި ހުރި ގޯހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ކޮވިޑް19ގެ ކުރިން 2020 ވަނައަހަރު ފާސްކުރި ބަޖެޓްގައި މެދު ރާސްތާގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރުމުގެ ޕްލޭން ފާހަގަކޮށްފައި ވާނެ. އަދި ހަމައެއާއެކު ދަރަނި ރިކޯޑްކުރުމާއި އަދި ޓްރާންސްޕޭރަންސީގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް މި ސަރުކާރުން ހޯދާފައިވާކަން ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން އެކި ފަރާތްތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކުރަމުންދޭ. މިއިން ރަނގަޅަށް އެބަ އެނގޭ އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރީ ރަނގަޅު މަގުގައިކަން. އަދި ކޮވިޑް 19 އާ ގުޅިގެން އިގްތިސާދު ނެގެހެއްޓުމަށް ކައުންޓަސިކްލިކަލް ފިސްކަލް ސިޔާސަތެއް ގެންގުޅުމަކީވެސް އިގްތިސާދަށް އެންމެ ފައިދާ ހުރި ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ވަގުތަކީ އިގްތިސޯދީ ހަރަކާތްތައް ހުއްޓުނަ ނުދީ ހިފަހައްޓަންވީ ވަގުތު ކަމަށެވެ.
މި ވަގުތު އިގްތިސޯދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ފިސްކަލް ޕޮލިސީގެ ތެރެއިން ސަރުކާރަށް ކަމަށާއި، އިގްތިސޯދީ ކުރިއެރުން އަވަސްކޮށް މި އަޑިގަނޑުން އަރައިގަތުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި ނަމަވެސް އިގްތިސޯދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިިނިސްޓަރު ވިދާޅުވީ، މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށެވެ.
"މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަން ޖެހޭ. ޖީޑީޕީ މިހާރު ދަށަށްދާ ދިއުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާން ޖެހޭ. 2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީޑީޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން،"މިނިސްޓަރު ވިދާޅުވިއެެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓްގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށް މިިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު