ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނިޔާވެފައިވާކަން ކްލަބުގެ ކޯޗު އެންދްރޭސް ޕިރްލޯ ބުނެފިއެވެ.

ރޭ ޔުވެންޓަސްއިން ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، އެ މެޗުގައި ޔުވެންޓަސްއަށް ގޯލް ޖަހައިދިނީވެސް ރޮނާލްޑޯއެވެ. މެޗުގެ ފަހު ސިކުންތުގައި ލާޒިއޯއިން އެއްވަރު ކޮށްފައިވާއިރު، މެޗު ނިމެން 15 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް، ރޮނާލްޑޯއަށް ވަނީ އަނިޔާވެފައެވެ.

ރޮނާލްޑޯ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއެކު އޭނާ ދަނޑުން ބާލާފައިވާއިރު، ޕިރްލޯ ބުނެފައިވަނީ ރޮނާލްޑޯގެ އަނިޔާގެ ފުރިހަމަ ތަފްސީލު އަދި ލިބިފައިނުވާ ކަމަށެވެ.

"ރޮނާލްޑޯއަކީ ޔުވެންޓަސްއަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ރޮނާލްޑޯއަށް އަނިޔާވެގެން ބާލަން ޖެހުމަކީ މާޔޫސް ކަމެއް. އޭނާގެ އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ. އެކަމަކު ހީވާގޮތުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ މެޗެއް ގެއްލިދާނެ،" ޕިރްލޯ ބުނެފައިވެއެވެ.

ޕޯޗުގަލްއިން އިންޓަނޭޝަނަލް ބްރޭކަށް ތައްޔާރުވަމުން އަންނައިރު، އެ ޓީމުން ކުޅެން އޮތް ތިން މެޗަށް ރޮނާލްޑޯއަކީ މުހިއްމު ކުޅުންތެރިއެކެވެ. އެންމެފަހުން ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ރޮނާލްޑޯއަށް ކޮވިޑް ޖެހިގެން ޕޯޗުގަލްގެ މެޗެއް ގެއްލިފައިވާއިރު، ކޮވިޑް 19ގެ ސަބަބުން ޔުވެންޓަސްގެ މެޗުތަކެއްވެސް ރޮނާލްޑޯއަށް ގެއްލިފައި ވެއެވެ.

ޔުވެންޓަސް މިވަގުތު ތާވަލުގެ ހަވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާއެކުގައެވެ. ސެރެއާ އޭގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ހަތް މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.