އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން އަވަސްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިގޮތަށް އެދިވަޑައިގެންފައިވަނީ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވުމަށް ހެލްތު ކޮމިޓީގެ ބޭފުޅުންނާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މި ޕްލޭންގެ ދަށުން މިވަގުތު ފެށެން ހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ، މި ޕްލޭނުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި މިކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން އަވަސްކުރުމަށް ނައިބު ރައީސް ގޮވާލާފައިވާ އިރު، މިދިޔަ އަހަރުގެ މެއި މަހު މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ނިންމައިފައެވެ.

މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމި ނިންމުން ތަންފީޒު ކުރާނީ ހަމަސް ފަހުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކަމާބެހޭ ފަރާތްތައް ކަމަށްވާ ހެލްތު މިނިސްޓްރީ އާއި ފުލުހުންނާ މަޝްވަރާކުރުމަށްފަހު އުސޫލުތަކެއް ކަނޑައެޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އޭރު ބުންޏެވެ. ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމި ނިންމުން ތަންފީޒުކޮށްފައެއް ނުވެއެވެ.

އާންމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނަކުން މަނާކޮށްފައިވާ އިރު، އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ މިހާރުވެސް ޖޫރިމަނާކުރެއެވެ.