ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ސައީދު އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފިއެވެ.
ރާއްޖޭގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ.
"ވަން" އަށް މައުލޫމާތުދެއްވުމުން އާޒިމާ ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރިމިނަލް ކޯޓުގެ ޝަރީއަތް ކެންސަލްވިކަން އެންގީ މިއަދު ހަވީރު ކަމަށާއި ސަބަބު ސާފުކުރުމުން އެނގުނީ މައްސަލަ ބައްލަވާ ގާޒީ އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ތަނާޒުލްވެވަޑައިގެންފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން ހާމަނުކުރާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
މާދަމާގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގޮތެއް ނިންމުމާއި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް ތާވަލުކޮށްފައިވާ އަޑުއެހުމެކެވެ.
އާޒިމާ ވިދާޅުވީ ވަގުތު ކުޑަތަންވެފައި ވަނިކޮށް މައްސަލަ ބައްލަވާ ގާޒީ ތަނާޒުލްވެވަޑައިގެންނެވުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވައިލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފައެވެ.
އެދުވަހުގެ އަޑުއެހުމުގައި އާޒިމާ ވަނީ އޭނާއަށް ކުރާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެ، އާޒިމާ ވަނީ ސީރިއަސް ތުހުމަތުތަކެއްވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު