އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދު މަރުވެފައިވަނީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފިއެވެ.

ސިދުރަތުﷲގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ސިދުރަތުﷲގެ އާއިލާއިން ވަނީ ބަޔަކު ނުވަތަ މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެއީ ސިދުރަތުﷲގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރުމުންނެވެ.

ފުލުހުން ބުނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓުގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މިހާރުވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސިދުރަތުﷲގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރެވެ.

ފުލުހުން އަދިވެސް އަންނަނީ ސިދުރަތުﷲގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.