ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 60 އަށް އަރާފައިވާ ކަމަށާއި 44 ކޮންޓެކްޓުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެ ކޭސްގެ ގިނަ އަދަދެއްގެ ކޮންޓެކްޓުން ޕޮޒިޓިވްވަމުންދާ އިރު، އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 60 މީހުންގެ ތެރޭގައި ކަރަންޓީނުގައި ތިބި ބަޔަކު ވެސް ހިމެނޭ ކަމަށެވެ.
"ކަނޑިންމަ ރިސޯޓުގައި މިވަގުތު ޖުމުލަ 60 ކޭސްއެއް އެބަ ހިމެނޭ. މީގެ ތެރޭގައި ކަރަންޓީނުގައި ތިބެފައި ޕޮޒިޓިވްވި ބަޔަކު ވެސް އެބަ ހިމެނޭ. އޭގެ އިތުރުން އެ ރަށުން ފެނުނު ކްލަސްޓާއާ އެއްކޮށް ކޭސަސް ފެނިފައި މިވަނީ. މިވަގުތު އެ ރަށުގައި ޖުމުލަ 44 ކޮންޓެކްޓެއް އެބަތިބި." އޭނާ ވިދާޅުވިއެވެ.
ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރަށް އެ ރިސޯޓުގެ މެނޭޖްމެންޓުން އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދިނުމާއި ފަރުވާ ލަސްވުމާއި އަޅައިނުލާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައެވެ.
އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.
ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ރިސޯޓުގެ މުވައްޒަފުންގެ އިތުރުން ފަތުރުވެރިޔަކު ވެސް ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު