ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 7:25 ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 43 އަހަރުގެ ބަންގުލަދޭޝްގެ މީހަކު ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި މަރުވެފައިވާ ކަމަށާއި އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެމީހާ ކޮވިޑަށް ޕޮޒިޓިވްވުމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެޗްޕީއޭ އިން ނިންމާފައިވަނީ އެއީ ކޮވިޑު މަރެއްގެ ގޮތުގައެވެ. އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 40 ވަނަ މީހާއެވެ.
އޭނާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން މިމަހުގެ ހަވަނަ ދުވަހު މަރުވި މީހާއަކީ 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 33 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 11،986 އަށް އަރައިފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 226 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 60 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،092 މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު