ކ. ފުށިދިއްގަރު މައްސަލައިގައި ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ފުށިދިއްގަރު މައްސަލައަކީ ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަ ކުންފުންޏެއް ހެދުމަށް އެއްބަސްވެ 18 ޖެނުއަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަ އެގްރީމަންޓު ރަޖިސްޓަރީކޮށްދީފައިނުވާތީ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވުމުގެ ސަބަބުން ޕްރައިމް ކެޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ބުނެ އެ ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އެންގުމަށާއި އެއްބަސްވެފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް އިން ދައުވާ ކުރި މައްސަލައެކެވެ.

އެގޮތުން ސިވިލް ކޯޓުން މި މައްސަލައިގައި 15 ޖުލައި 2014 ގައި ހުކުމް ކޮށްފައިވަނީ އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާއި ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަ އެގްރީމަންޓްގައިވާ ގޮތުގެ މަތީން ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓަރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ބަޔާންވެގެންވާ ފަދައިން މައްސަލައިގައި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓަ ލީސް އެގްރީމަންޓުގައި ސޮއިކުރުމަށެވެ.

އޭޖީ އޮފީހުން ބުނީ ދައުލަތާ ދެކޮޅަށް ނިމުނު މި މައްސަލަ، އިސްތިއުނާފު މުއްދަތުގެ ތެރޭގައި އޭރުގެ ސަރުކާރުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ ކަމަށާއި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭޖީން ބުނީ އެ މައްސަލައިގައި އޭރު ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައިވަނީ ޖޮއިންޓް ވެންޗަ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކޮރަޕްޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އިސްވެ ދެންނެވި ޖޮއިންޓް ވެންޗަ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ނޫންކަށް އެނގެން އޮންނާތީ މި މައްސަލައާ ގުޅިގެން މި އޮފީހަށް ލިބިފައިވާ އާ ހެއްކާއި މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް އޮތް ހުކުމެއް ކަމަށް ފެންނާތީ، އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު ވަނީ އެ ކޯޓަށް ހުށަހަޅާފައި،" އޭޖީ އޮފީހުން ބުންޏެވެ.

ކޮރަޕްޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރައިމް ކެޕިޓަލްއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ޖޮއިންޓް ވެންޗަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށާއި އެކަމުގެ ތުހުމަތު ކޮށްފައިވަނީ ކުރީގެ ރައީސް އަދި އޭރުގެ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށެވެ. އެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޯޓަށް ހުށަހަޅައިފައެވެ.

ފުށިދިއްގަރު ފަޅުގެ މައްސަލައިގައި، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މިދިޔަ ޑިސެމްބަރު މަހު ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން އޮޅުވާލައިގެން ފުށިދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުނެ އެ އެ މައްސަލަ ފުރަތަމަ ފެންމަތިކުރެއްވީ 2013 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ފުށިދިއްގަރުފަޅު އަލުން ވިއްކާލަން ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައި ވެއެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ 1،475 ހެކްޓަރުގެ ފުށިދިއްގަރުފަޅު 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ)އަށް ވިއްްކާލުމަށެވެ. އޭގެ ފަހުން ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކައިގެން ގޯތި ދޫކުރުމަށް ނިންމައި ރައީސް ޔާމީންގެ ސަރުކާރުން އެކަން އިއުލާނުކޮށްފައި ވެއެވެ.