ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުން މިއަދު އިއުލާންކޮށްފިއެވެ.

އެފްއޭއެމްގެ ޗެރިޓީ ޝީލްޑް މެޗުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޑޮވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެ (އާކް)ގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއެވެ.

އެފްއޭއެމްއިން ކޮންމެ އަހަރެއްގެ ސީޒަން ފެށުމަށްވެސް ކުޅޭ ޗެރިޓީ މެޗުގައި ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ، ޕާޓްނަރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އެހީގެ ގޮތުގައި ދެއެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި ވަކި ހާއްސަ ޖަމިއްޔާތަކެއް އެފްއޭއެމްއިން އިއުލާން ކުރެއެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު އަންނަ މަހުގެ އަށްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ލީގުގެ ދެވަނައިގައި ނިންމާލި ކްލަބު އީގަލްސްއެވެ. އާންމުކޮށް ލީގު ޗެމްޕިއަން ޓީމާއި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމު ޗެރިޓީ މެޗުގައި ކުޅޭ ނަމަވެސް، މިދިޔަ ސީޒަން ކޮވިޑް 19 އާ ގުޅިގެން ވަކި ހިސާބަކުން ހުއްޓައިލަން ޖެހުމުން އެފްއޭކަޕް ނިންމައިފައެއް ނުވެއެވެ.

އެފްއޭއެމްގެ ޕާޓްނަރުންގެ ތެރެއިން އާކްއަކީ ފާއިތުވި ދެއަހަރު ކުޑަކުދިން ހައްގުތައް ރައްކާތެރިކުރުމަށް ތަފާތު ގިނަ ހަރަކާތްތައް ހިންގާފައިވާ ޖަމިއްޔާއެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި އާކުގެ ދައުރު މުހިއްމުކޮށް ފެނިފައިވާ އިރު، އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް އާކް ފާހަގަކޮށްލެވިފައިވެއެވެ.

"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެފްއޭއެމްއަށް މި ފުރުސަތަށް. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން ކުރާ ގޮތަށް، ކުޅިވަރަކީ ވަރަށް މުހިއްމު ވަސީލަތެއް މުޖުތަމައަށް ދޫކޮށްލަން ބޭނުންވާ އެކިއެކި މެސެޖުތައް ދިނުމަށްޓަކައި. ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ބޮޑު އަމާޒަކަށްވާނީ ކުޑަކުދިންނަށް އެކިއެކި ގޮތްގޮތުން ލިބޭ އަނިޔާތަކާ ދެކޮޅަށް ދެވޭ މެސެޖުތައް ފޯރުކޮށްދިނުމަށް،" އާކްގެ ފަރާތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މުރުތަލާ މޫސާ ވިދާޅުވިއެވެ.

ދެން އިއުލާން ކުރި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ސަރުކާރުގެ ބޮޑީއެކެވެ. އެ ޖަމިއްޔާއިން ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ނަފްސާނީ މައްސަލަތައް ހުންނަ ކުދިންނަށް ކުޅިވަރުގެ ތެރެއިން ދޭން ޖެހޭ ހާއްސަ ތެރަޕީތަކެއް ދިނުމެވެ.

"ފުޓުބޯޅައިގައި އަބަދުވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކީ އެފްއޭއެމް. މި ފުރުސަތުގައި އެފްއޭއެމްއަށް ޝުކުރުވެސް އަދާކުރަން. އެންމެފަހުން ދިޔަ އިވެންޓުގައިވެސް އެފްއޭއެމްގެ އެހީތެރިކަން ފާހަގަކޮށްލަން. ޗެރިޓީ މެޗުގައި މި ފުރުސަތު ދިނީތީވެސް ވަރަށް ބޮޑަށް އުފާކުރަން. އަވެއާނެސްގެ މެސެޖުތައް ދިނުމަށް މެޗު ތެރެއިން މަސައްކަތް ކުރާނަން ވަރަށް ބޮޑަށް،" ސްޕެޝަލް އޮލިމްޕިކްސްގެ ފަރާތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

މޯލްޑިވްސް ބްލަޑް ޑޯނާސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިބްރާހީމް ރަޝީދެވެ. މޯލްޑިވިއަން ބްލަޑް ޑޯނާސްއަކީ 2006 ވަނަ އަހަރު ފޭސްބުކް ގްރޫޕެއްގެ ގޮތުގައި ފެށިގެން ދިޔަ ހަރަކާތެކެވެ. އޭރު ލޭ ހޯދުމަށް އޮންނަ ދަތިކަމަށް ހައްލު ހޯދުމަށް ހެދި އެ ގްރޫޕް މަސައްކަތް ކުރަމުން އައިސް، 2009 ވަނަ އަހަރު ރަސްމީކޮށް ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވެއެވެ.

އެފްއޭއެމްއާއެކު ޗެރިޓީ ޝީލްޑް މެޗަށް ޕާޓްނަރެއްގެ ގޮތުގައި އެއްބަސްވެވުނީތީ އެކަމަށް ބްލަޑް ޑޯނާސްއިން ވަނީ އެފްއޭއެމްއަށް ޝުކުރު އަދާކޮށްފައެވެ. މީގެ ކުރިންވެސް އެފްއޭއެމްއާއެކު މަސައްކަތް ކޮށްފައިވާ މޯލްޑިވިއަން ބްލަޑް ޑޯނާސްއިން ބުނެފައިވަނީ ލިބިގެން ދިޔަ ފުރުސަތަކީ ހޭލުންތެރިކުރުވުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މީޑިއާތަކާއި މީސް މީޑިއާގެ އެހީގައި ގިނަ މެސެޖުތަކެއް މުޖުތަމައަށް ދެވޭނެ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އާ ސީޒަންގެ ފަރިތަކުރުންތައް މިހާރު ޓީމުތަކުން ފަށާފައިވާ އިރު، ޗެރިޓީ ޝީލްޑްވެސް ކުޅެން ހަމަޖެހިފައިވަނީ އެޗްޕީއޭގެ ހާއްސަ އުސޫލުތަކަކަށެވެ. އެހެންކަމުން މިފަހަރުގެ މެޗުގެ ހާއްސަ އިވެންޓުގައި ކުދިން ފެނިގެން ނުދާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.