ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރީޓެއިލާސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

މި ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެކެވެ. ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލާސް ލޯނު ދޫކުރެ އެވެ. އެގޮތުން ލޯނު އަދި އޯވާޑުރާފްޓުގެ ގޮތުގައި ވެސް ރީޓެއިލާސް ލޯނު ދޫކުރެ އެވެ.

ބީއެމްއެލުން ބުނީ، ލޯނުގެ ޝަރުތުތަކަށް މިއަދު ގެނެވުނު ބަދަލުތަކާއެކު މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިތަކުން ހޯދަން ޖެހޭ އާމްދަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން މި ލޯނަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެންމެ ބޮޑަށް ގެއްލުންވެގެން ދިޔަ މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ އެވްރެޖްގެ ގޮތުގައި ކަނޑައެޅިފައިވާ 30،000 ރުފިޔާ ހަމަކުރުމުގައި ވިޔަފާރިތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރުކޮށްފައިވާ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނުހިމަނާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން، މޫސާ ނިމާލް ވިދާޅުވީ ކޮވިޑް-19ގެ މިވޭތުވެދިޔަ މުއްދަތުގައި ވިޔަފާރިތަކަށް އެހީވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ބޭންކުން އަޅާފައިވާ ކަމަށެވެ. އަދި މިއަދު ގެނެވުނު ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅުގައި ރީޓެއިލާސް ލޯނާއި ބީއެމްއެލް އިސްލާމިކް ރީޓެއިލާސް ފައިނޭންސިން އަށް މިފަދަ ބަދަލުތަކެއް ގެނެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔުން،" ނިމާލް ވިދާޅުވި އެވެ.