ގެސްޓް ހައުސްތައް ބަންދުކޮށްފައި ހުރުމަށްފަހު އަލުން ހުޅުވަން ހުއްދަ ދިން ފަހުން އިއްޔެގެ ނިޔަލަށް 71 ގެސްޓް ހައުސް އަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދޫކޮށްފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. ނަމަވެސް ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 16 ރަށެއްގައި ހުރި 71 ގެސްޓް ހައުސް އަކަށް ހުއްދަ ދިނުމުން 1548 ޓޫރިސްޓު އެނދު އޮޕަރޭޝަނަށް އަންނާނެ އެވެ.
މިހާތަނަށް އެންމެ ގިނަ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ އއ. ތޮއްޑޫއަށެވެ. އެރަށުގެ 12 ގެސްޓް ހައުސް އަކަށް އަލުން ހުޅުވުމުގެ ހުއްދަ ދޫކޮށްފައިވާއިރު، ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ ކ. މާފުށިން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ 10 ގެސްޓް ހައުސް އަކަށެވެ.
- 1. އއ. މަތިވެރި
- 2. އއ. ރަސްދޫ
- 3. އއ. ތޮއްޑޫ
- 4. އއ. އުކުޅަސް
- 5. ބ. ކަމަދޫ
- 6. ޏ. ފުވައްމުލައް
- 7. ކ. ގުޅި
- 8. ކ. ގުރައިދޫ
- 9. ކ. ހިންމަފުށި
- 10. ކ. ހުރާ
- 11. ކ. މާފުށި
- 12. ކ. ތުލުސްދޫ
- 13. ނ. ފޮއްދޫ
- 14. ސ. ފޭދޫ
- 15. ވ. ފުލިދޫ
- 16. ވ. ތިނަދޫ
ގެސްޓް ހައުސްތައް އަލުން ހުޅުވާލާފައިވާ އިރު، އެ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭ ގޮތުން، އެންމެން މާސްކު އެޅުން އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފައެވެ.
އޭގެ އިތުރުން އާބާދީގެ ނިސްބަތަށް ބަލައި ގެސްޓް ހައުސްތައް ހުޅުވާ ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީ އާއި ކަރަންޓީން ފެސިލިޓީ ގާއިމުކުރަން ޖެހެއެވެ. ކޮންމެ ގެސްޓް ހައުސްއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމުކުރަން ޖެހޭއިރު އައިސޮލޭޝަނަށް ހާއްސަ ކޮޓަރިތަކެއް ވެސް ހުންނަން ޖެހެއެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް