ޗެލްސީއަށް މި ސީޒަންގައި ގެންދިޔަ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެޗްގެ ޖާދުލާއެކު ޗެލްސީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ފަހަތުން އަރައި ޝެފީލްޑް ޔުނައިޓެޑް ބަލިކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޒިޔެޗްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފައިވާއިރު، އޭނާގެ ހިތްގައިމު ދެ އެސިސްޓް ވެސް ފެނިފައި ވެއެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް ޗެލްސީ އޮތީ ރަނގަޅު ފޯމެއްގައެވެ. ޒަމާންތަކަކަށްފަހު ޗެލްސީގެ ޑިފެންސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން އަންނައިރު، ރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް ކްލީން ޝީޓް ދަމަހައްޓައިގެންނެވެ. މި ސީޒަނަށް އަލަށް ގެންދިޔަ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ބެން ޗިލްވެލްގެ އިތުރުން ގޯލްކީޕަރު އެޑުއާޑޯ މެންޑީގެ ފަރާތުންވެސް މިހާތަނަށް ތަފާތު މޮޅު ކުޅުމެއް ފެނިފައިވާއިރު، ރޭގެ މެޗުގައި ސިލްވާ ވަނީ ގޯލެއްވެސް ޖަހައިފައެވެ.
ފަސް މެޗަށްފަހު ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ގޯލެއް ވަދެފައިވާއިރު، އެ ގޯލް މެޗުގެ ނުވަ ވަނަ މިނެޓުގައި ޖަހައިދިނީ މެކްގޯލްޑްރިކެވެ.
ޝެފީލްޑުން ތާވަލުގެ ފުލުގައި އޮތްއިރު، ގޯލަށްފަހު އެޓީމުން ޗެލްސީއަށް ނުރައްކާ ކުރިތަން ފެނިގެން ގޮސްފައެއް ނުވެއެވެ. ޗެލްސީން މެޗުގެ ކޮންޓްރޯލް ހޯދައި ހާފް ނިމުމުގެ ކުރިން ފަހަތުން އަރައި ލީގު ނެގިއެވެ. ޒިޔެޗް އުފެއްދި އެޓޭކަކުން ކޮވަސިޗް ނަގައިދިން ހުރަސް ގޯލަށް ވައްދާލައިގެން ޓެމީ އަބްރަހަމް ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، ޒިޔެޗްގެ ރީތި ހުރަހަކުން ލީޑު ނަގައިދިނީ ޗިލްވެލް އެވެ.
ދެވަނަ ހާފަށް ނުކުމެވެސް މެޗު ކޮންޓްރޯލްކޮށްގެން، ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދީ ޗެލްސީންނެވެ. 77 ވަނަ މިނެޓުގައި ޒިޔެޗްގެ ހިލޭ ޖެހުމަކަށް އަރައި ސިލްވާ ގޯލް ޖެހިއިރު، އޭގެ އިރުކޮޅެއްފަހުން އެންގޯލޯ ކަންޓޭގެ ބޯޅަ ފަސޭހަކަމާއެކު ގޯލަށް ނިންމާލައި ޓީމޯ ވާނާ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލް ވެސް ޖަހައިފައެވެ.
ކޮވިޑް 19 ޖެހުމުގެ ސަބަބުން ރޭގެ މެޗުގައި ޗެލްސީގެ ޖަރުމަނު މިޑްފީލްޑަރު ކައި ހަވާޓްސް ކުޅެފައެއް ނުވެއެވެ. މެދުތެރެއިން މަސައްކަތް ބުރަކޮށް މޭސަން މައުންޓް ފާހަގަކޮށްލެވުނުއިރު، މެޗުގެ ފަހު ފަސް މިނެޓުގައި މައުންޓްގެ ބާރު ހަމަލާ ދިފާއުކުރީ ޝެފީލްޑްގެ ގޯލްކީޕަރު ރިވާޑޭލްއެވެ.
ރޭގެ މެޗުން މޮޅުވެ ޗެލްސީ ތިންވަނައިގައި އޮތީ އަށް މެޗުން 15 ޕޮއިންޓާ އެކުގައެވެ. އެއްވަނައިގައި އޮތް ސައުތުހޭމްޓަންއަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލުން ހަތް މެޗު ކުޅެ، 16 ޕޮއިންޓް ހޯދާފައިވެއެވެ. ލިވަޕޫލުން މިރޭ ނުކުންނާނީ ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު