ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ދައްކަންޖެހޭ ފައިސާގެ މައްސަލައާބެހޭ އިސްތިއުނާފި އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 718،438 ރުފިޔާއަކީ ޑީއާރްޕީގެ ފަރާތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް 2015 ވަނަ އަހަރު ވަނީ ތާއިދުކޮށްފައެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ހަބް ކޮމްޕެނީން އެ ޕާޓީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 718،438 ރުފިޔާ އެ ޕާޓީއަށް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ޑީއާރްޕީން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.

ހައިކޯޓުން ކުރި ހުކުމްގައި ވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީއަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، އެ އިންވޮއިސްގައިވާ އަގުގެ ހިދުމަތްތަކަކީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު އެކުންފުނިން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

ނަމަވެސް ހައިކޯޓުުން އިއްވި ހުކުމް ޑީއާރުޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ސުޕްރީމްކޯޓުގައި މާދަމާ ބާއްވާ އަޑުއެހުމަކީ، ޑީއާރުޕީން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެކެވެ.