އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެގައުމުގެ ފޮރިން ސެކްރެޓަރީން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުންނާއި ޑިސެމްބަރު 2019 ގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާނެ އެވެ.
އެބޭފުޅުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމަށް ވަޑައިގެންނެވި ފަހުން ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާއަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު