މާލޭގެ މަގުމަތީގައި ގިނަވެފައިވާ ބުޅާތަކުގެ މައްސަލައަށް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެކަށީގެންވާ ހައްލެއް ނުގެނެވިއްޖެ ނަމަ، އެ ތަކެތި ބަލަހައްޓަން ހަދާފައިވާ އޮޅުހިޔާ ފެސިލިޓީ އަނބުރާ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރުގައި އެދުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ، މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން އާންމު ސިއްހަތަށާއި ސާފުތާހިރުކަމަށް ނުރައްކާވަމުންދާތީ ކައުންސިލަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައެވެ. އެގޮތުން، މިކަން ރަސްމީ ސިޓީއަކުން މިހާރު އެ ފެސިލިޓީ ބަލަހައްޓަމުން އަންނަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް އެންގުމަށް ވަނީ ނިންމާފައެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ދަށުން ނޮވެމްބަރު 2024 ގައި ހުޅުވި މި ފެސިލިޓީއަކީ ސިޓީ ކައުންސިލާ ގުޅިގެން ގާއިމުކުރި ތަނެކެވެ. ނަމަވެސް، ފަހުން އެ ތަން ބެލެހެއްޓުން ސަރުކާރުގެ ވުޒާރާއެއްގެ ދަށަށް ބަދަލުކުރި ނަމަވެސް، ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލަރުން ވިދާޅުވީ، އޮޅުހިޔާގައި ބުޅާތައް ކޮންޓްރޯލްކޮށް ފަރުވާ ދެވޭނެ ވަސީލަތްތައް ހުރި ނަމަވެސް، އެކަން އެންމެ އެދެވޭ ގޮތުގައި ނުހިނގާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ބައުކަލޯގެ ނަމުގައި އާ މަޝްރޫއެއް ފަށައިގެން ރައްޔިތުންގެ ފައިސާ އިސްރާފު ކުރަމުންދާކަމަށް ކައުންސިލަރުން ވިދާޅުވިއެވެ.

މީގެއިތުރުން، ޖަނަވާރުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުގެ އިންސްޕެކްޝަން ރިޕޯޓުން ހާމަވާ ގޮތުގައި، އެ ފެސިލިޓީގައި ސާފުތާހިރުކަން ކުޑަވެ، ބަލި ބުޅާތަކާއި ދުޅަހެޔޮ ބުޅާތައް އެކުގައި ބެހެއްޓުމުގެ ސަބަބުން އިންފެކްޝަންތައް ފެތުރި ގިނަ އަދަދެއްގެ ބުޅާ މަރުވަމުންދާކަންވެސް ވަނީ ފާހަގަވެފައިކަމަށް ކައުންސިލަރުން ވިދާޅުވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް އެއްކޮށް ގެންގޮސް ބެލެހެއްޓޭނެ ޖާގައާއި ގާބިލުކަން އެ ފެސިލިޓީގައި ހުންނާނެ ކަމަށާއި، ސަރުކާރަށް އެކަން ނުކުރެވޭ ނަމަ، ކައުންސިލާ ހަވާލުކުރުމުން އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.