ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ ރިސޯޓުތަކާއި އެހެނިހެން ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު ކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓު ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަން ފަށާއިރު ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ވެސް ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު 30 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 52 ފަތުރުވެރިއަކާއި 120 ސްޓާފަކު އެބަ ތިއްބެވެ.

އޭގެ ތެރެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުންނެވެ. އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ހާލު ބޮޑުވެގެން ފަރުވާދެމުން ދަނިކޮށް މަރުވެފައިވާއިރު، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެ ކޭސްއާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އ ރިސޯޓުން މިހާތަނަށް 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އެއް ފަތުރުވެރިއަކު ވެސް ހިމެނެ އެވެ.