ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޓޮޓެންހަމްއިން ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގްރާޑާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖަހައި، ހެރީ ކޭން ޓޮޓެންހަމް ޖާޒީގައި 200 ގޯލް ހަމަކޮށްފިއެވެ.

ރޭގެ މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ޓޮޓެންހަމްގެ ގޯލްތައް ޖަހައިދިނީ ކޭންގެ އިތުރުން ލޫކަސް މޯރާއާއި ލޮ ސެލްސޯއެވެ. ލުޑޮގްރެޓްސްގެ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ކެސެރޫއެވެ.

ޓޮޓެންހަމްއިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު، ރޭގެ މެޗަކީ ކޭން ޓޮޓެންހަމްއަށް ކުޅެދިން 300 ވަނަ މެޗެވެ. 200 ގޯލް ހަމަކޮށް، އުމުރުން 27 އަހަރުގެ ކޭން ޓޮޓެންހަމް ގެ ތާރީހުން ޖާގަ ހޯދާފައިވާއިރު، އޭނާގެ ސީނިއާ ކެރިއަރު އެ ކްލަބުގައި ފެށީ ހަތް އަހަރު ކުރިންނެވެ. ގޯލް ރޭޝީއޯގެ އަދަދަކީ ހައިރާން ކުރަނިވި އަދަދެކެވެ.

މުޅި ކްލަބުގެ ތާރީހުގައި ވެސް ޓޮޓެންހަމް އަށް ކޭންއަށްވުރެ ގިނައިން ގޯލް ޖަހައިދީފައި ވަނީ 1960ގެ އަހަރުތަކުގައި އެ ކްލަބަށް ކުޅުނު ޖިމީ ގްރީވްސް އާއި ބޮބީ ސްމިތެވެ. ފިޓްކޮށް ހުރެ، ކޭންއަށް ދެތިން ސީޒަން ލިބެއްޖެނަމަ، އެ ރެކޯޑުތައް މުގުރާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު މެޗުން ގެރެތު ބޭލް ޖެހި ގޯލާއެކު ޓޮޓެންހަމް އިން މޮޅުވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަމަ 11 ގައި ބޭލް ހިމެނިފައި ވެއެވެ. އެޗް އެމް ސޮން ބެންޗުން އަރާ އެސިސްޓެއް ހަދާފައިވާއިރު، މެޗުގައި ބޭލްގެ ފަރާތުންވެސް އުންމީދީ ކުޅުމެއް ފެނިފައި ވެއެވެ.

ޓޮޓެންހަމްއިން ގްރޫޕް އެއްވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެޓީމުން މީގެ ކުރިން ޔޫރޮޕާގައި ކުޅުނު މެޗުން ބަލިވީ ރޯޔަލް އަންޓްވާޕް އަތުންނެވެ. އެ މެޗަށްފަހު ކޯޗު ހޯޒޭ މޮރީނިއޯ ވަނީ ރުޅިގަދަ ވެ، ކުޅުންތެރިންގެ މަސައްކަތަށް ފާޑު ކިޔާފައެވެ.