ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 51އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހާ ހިސާބަށް ކަނޑިންމަ މޯލްޑިވްސް އިން 20 ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިމަހުގެ ތިންވަނަ ދުވަހު އެ ރިސޯޓުން އިތުރު 30 ކޭސް ފެނިފައިވާ ކަމަށާއި އެ އެންމެންނަކީވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.
"ޖުމްލަ 50 ކޭސް މިއާ ގުޅިގެން މިވަނީ ފެނިފައި. އެކެއް ނޮވެންބަރާ ހަމައަށް 20 ކޭސް ފެނިފައި އަދި ތިނެއް ނޮވެންބަރުގައި އިތުރު 30 ކޭސް މިއާ ގުޅިގެން ފެނިފައި މިވަނީ. މިއީ ސްޓާފުންގެ ތެރެއިން. ދެން އޭގެ އިތުރުން ޑިޕާޗާ ސާމްޕަލްއަކުން އެއް ޓޫރިސްޓަކު ވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.
ކަނޑިންމަ ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި މިވަނީ، އެ ރަށުގައި މަސައްކަތް ކުރާ 60 އަހަރުގެ ދިވެއްސަކު ހާލު ބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން ސާމްޕަލް ނަގައި ޕޮޒިޓިވްވުމުން، އެ ރިސޯޓުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު