އެއާޕޯޓުގެ މަސައްކަތެއް ކުރާ ޗައިނާ ކުންފުންޏެއްގެ 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތެއް ކުރުމަށް ގޮސް އުޅުނު ސަބް ކޮންޓްރެކްޓަރެއް ކަމަށްވާ ޗައިނާ ހާބާ އިންޖިއަރިންގެ 45 މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 71 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

"ކޭސްތައް ގިނަވެފައި މިވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ކިޔާ ކޮމްޕެނީއެއް، މިއީ އެއާޕޯޓުގެ މިހާރު ކުރަމުންދާ މަސައްކަތްތަކެއްގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ކޮމްޕެނީއެއް. އެބޭފުޅުން އެކި ސަރަހައްދުތަކުން ބޭރު މީހުން ނަގައިގެން މަސައްކަތަށް ގެންގޮސް އޭގެ ތެރެއިން 45 މީހަކު ޕޮޒިޓިވްވެފައި މިވަނީ މިއަދު،" ޑރ. ނަޒްލާ ވިދާޅުވުއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ކޭސްތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި 56 ބިދޭސީނެވެ.