ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި، ގްރޫޕަކުން ގޮސް ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް ގެ މަރުގެ މައްސަލައިގައި، ހެކިން ހާޒިރު ނުކުރެވިގެން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި މައްްސަލައިގައި މިހާރު ހިންގަމުން އަންނަނީ ހެކިން ހުށަހަޅައި ހެކިބަސް ނެގުމުގެ މަސައްކަތެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ، އަނަސް ބެއްލެވި ޑޮކްޓަރުގެ ހެކިބަސް ނެގުމެވެ.

އޭޑީކޭއަށް އަނަސްގެ ހަށިގަނޑު ގެންދިއުމުން ބެއްލެވި ޑރ. ވިދާޅުވީ، އަނަސްގެ ހަށިގަނޑުން ހަމަލާދީފައިވާ 24 ތަނެއް ފެންނަން ހުރި ކަމަށެވެ. އަދި އަނަސް ގެންދިޔައިރުވެސް ހަށިގަނޑުގައި ވިންދު ނެތް ކަމަށެވެ.

އޭނާގެ ހަށިގަނޑުގައި ހުރި ބޮޑެތި ޒަހަމްތައް ފާހަގަ ކުރައްވަމުން ޑޮކްޓަރު ވިދާޅުވީ، ކަރުގެ އެއް ފަރާތުގައި ބޮޑު ޒަހަމެއް ހުރިކަމާއި، ފުއްޕާމެއާ ދިމާއިން މެއަށް ދީފައި ހުރި ހަމަލާއެއްގެ ބޮޑު ޒަހަމެއް ވެސް ހުރި ކަމަށެވެ.

އެކަމުގެ ސަބަބުން ސަބަބުން ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ފެންނަން ހުރި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ މީހަކު މަރުވެދާނެ އަނިޔާތަކެއް ކަމަށާއި، އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި ވަޅިން ހަމަލާދީގެންނެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް އަންނަނީ ދައުވާ ކުރަމުންނެވެ. އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ.

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވި
  • ސިމާހު މޫސާ، ދަފްތަރު 1746
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭ

އެ މައްސަލައިގައި އެކަކުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ދައުވާ އުފުލާފައިވަނީ ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒްގެ މައްޗަށެވެ.