މިދިޔަ ސީޒަންގެ ފަހުކޮޅުން ފެށިގެން، މި ސީޒަންގެ ކުރީކޮޅުގައި ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޑިފެންސް މައްސަލައެވެ. ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނުމުގެ ސަބަބުން ޗެލްސީ ކޯޗު ފްރޭންކް ލެމަޕާޑަށް ކުރިމަތިވި މާޔޫސް ކަމާއެކު މި ސީޒަނަށް ތައްޔާރުވުމަށް އެ ކްލަބުން ވަނީ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ޕްރިމިއާ ލީގުގެ އެންމެ މޮޅު އެއް ވިންގް ބެކް ބެން ޗިލްވެލްވެސް ޓީމަށް ގެންގޮސްފައެވެ. އޭގެ އިތުރުން ޗެލްސީއަށް ދިމާވި ގޯލްކީޕަރުގެ މައްސަލަ ހައްލުކުރުމަށް މި ސީޒަނަށް ފްރާންސް ލީގުގައި ކުޅެމުންދިޔަ އެޑުއާޑޯ މެންޑީވެސް ކްލަބަށް ގެންގޮސްފައި ވެއެވެ.
އާ ސީޒަންގެ ފެށުންވެސް ޗެލްސީއަށް ދިޔައީ ގޯސް ކޮށެވެ. ފުރަތަމަ ފަސް މެޗުގައި އެޓީމު ކޮޅަށް 11 ގޯލް ވަދެފައިވާއިރު، އެކަން ހައްލުވެގެން ދިޔައީ އަލަށް ޓީމަށް ގެނައި ކުޅުންތެރިން ދަނޑަށް ނުކުތުމާ އެކުއެވެ. މިހާރު ޗެލްސީގެ ފަހަތް ބަލަހައްޓަމުން އަންނަ ތިއާގޯ ސިލްވާ އާއި ކާޓް ޒޫމާގެ ޕާޓްނާޝިޕް ރަނގަޅަށް ފެނިގެންދާއިރު، މެންޑޭ ފެންނަނީ ވަރުގަދަ ކީޕަރެއްގެ ގޮތުގައެވެ.
ޗެލްސީން ޖެހިޖެހިގެން ފަސް މެޗުގައި ކްލީން ޝީޓް ދަމަހައްޓާފައިވާއިރު، މިއީ 2010 ވަނަ އަހަރަށްފަހު އެފަދަ ޑިފެންސިވް ރެކޯޑެއް ޗެލްސީން ދެމެހެއްޓި ފުރަތަމަ ފަހަރެވެ. އޭރު ޗެލްސީގެ ކޯޗަކީ ކާލޯ އެންސެލޯޓީއެވެ. އެ ސީޒަންގައި ޗެލްސީން ނިންމާލީ ލީގުގެ ދެވަނައިގައެވެ.
ރޭ ރެނެސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކްލީން ޝީޓް ހޯދައި ޗެލްސީން މިހާތަނަށް ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ތިން މެޗުގައިވެސް ޗެލްސީން ކްލީން ޝީޓް ދަމަހައްޓާފައިވާއިރު، އެއީ 2009-10 ވަނަ އަހަރަށްފަހު އެ ކްލަބުން އެފަދަ ރެކޯޑެއް ދެމެހެއްޓި ފުރަތަމަ ފަހަރުވެސް މެއެވެ.
ރޭގެ މެޗުގައި ޗެލްސީން ފުރަތަމަ ހާފްގައި ދެ ގޯލް ޖެހީ ދެ ޕެނެލްޓީންނެވެ. ޗެލްސީއަށް ދިން ޕެނެލްޓީއާއެކު ރެނެސްގެ ޑަލްބާޓަށް ރަތް ކާޑު ދައްކާފައިވާއިރު، ދެ ޕެނެލްޓީވެސް ޖެހީ ޓީމޯ ވާނާއެވެ. ވާނާގެ ދެގޯލްގެ އިތުރުން ރޭގެ މެޗުގައި ޗެލްސީއަށް ގޯލް ޖަހައިދިނީ ޓެމީ އަބްރަހަމްއެވެ.
ޗެލްސީގެ ޖަރުމަނު މިޑްފީލްޑަރު ކައި ހަވާޓްސްއަށް ކޮވިޑް 19 ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފައިވާއިރު، ރޭގެ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު