މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު މެޗުގައި ތުރުކީގެ އިސްތާންބޫލް ބަސަކްޝަހީރް އަތުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ބަސަކްޝަހީރުން ފުރަތަމަ ފަހަރަ ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު، ރޭގެ މޮޅަކީ އެ ކްލަބުގެ ތާރީހުގައިވެސް ޗެމްޕިއަންސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.
ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ގްރޫޕް އެޗް ގައި ކުރިން ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. އޭގެ ތެރޭގައި ފްރާންސްގައި އެ ގައުމުގެ އެންމެ ވަރުގަދަ ޓީމު، މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޕީއެސްޖީ ބަލިކުރުންވެސް ހިމެނެއެވެ. މޮޅުވުމުގެ ރެކޯޑު ދަމަހައްޓަން ނުކުތް ޔުނައިޓެޑަށް ރޭގެ މެޗުގައި ކުރިމަތިވީ ލަދުވެތިކަމެވެ.
މެޗުގެ 12 ވަނަ މިނެޓްގައި ބަސަކްޝަހީރުން ލީޑު ނެގީ ޔުނައިޓެޑްގެ ޑިފެންސަށް ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. އެ ގޯލް ޖަހައިދިނީ ކުރިން ޕްރިމިއާ ލީގަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ޑެންބާ ބާއެވެ. ބަސަކްޝަހީރުގެ ދެވަނަ ގޯލް އެޑިން ވިސްކާ ޖަހައިދިންއިރު، ޔުނައިޓެޑްގެ ހަމައެކަނި ގޯލް ޖަހައިދިނީ އެންތޮނީ މާޝިއަލްއެވެ.
"ޔުނައިޓެޑް ޑިފެންސް ފުރަތަމަ ގޯލަށް ޑިފެންސް ކުރި ގޮތުން ހިނިވެސް އާދޭ. އެޓީމުގެ ފޯވާޑަށް ހުރި ޑެންބާ ބާގެ 20 ޔާޑު ކައިރީގައިވެސް ޑިފެންޑަރަކު ނެތް. ހީވަނީ 10 އަހަރުން ދަށުގެ ޓީމެއް ޑިފެންސް ކުރާހެން،" ޔުނައިޓެޑްގެ ލެޖެންޑަރީ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނެފައި ވެއެވެ.
ފުރަތަމަ ގޯލް ޖެހިއިރު، ޔުނައިޓެޑު ޓީމު އެއްކޮށް އޮތީ އިދިކޮޅު ހާފްގެ މެދާ ހަމައިގައެވެ. ކުރު ކޯނަރަކުން ބޯޅަ ގެއްލުނުއިރު، ބަސަކްޝަހީރުގެ ފޯވަޑް ބާ އޮތީ އެކަނިމާއެކަނި މެދު ރޮނގާ ހަމައިގައެވެ. ބާ އެ ދިޔަގޮތަށް ގޮސް އެ ބޯޅަ ނިންމާލީ ފަސޭހަ ކަމާ އެކުގައެވެ.
ސްކޯލްސްއާ އެކު ސްކައި ސްޕޯޓްސްގެ ސްޓޫޑިއޯގައި އިން، ޔުނައިޓެޑަށް ކުރިން ކުޅުނު އޮވެން ހާގްރީވްސް ބުނެފައި ވަނީ ޓޮޕް ކްލާސް މުބާރާތެއްގައި އެކަހަލަ ފެންވަރު ދަށް ގޯލެއް ނުދެކޭ ކަމަށެވެ.
ޔުނައިޓެޑުން ގްރޫޕް އެޗްގެ ތާވަލުގައި އަދިވެސް އޮތީ އެއްވަނައިގައެވެ. އެ ގްރޫޕްގައި ރޭ ޕީއެސްޖީން ކުޅުނު މެޗުން، އާރްބީ ލެއިޕްޒިގް އަތުން އެޓީމު ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ލެއިޕްޒިގް ދެވަނައިގައި އޮތްއިރު، ޕީއެސްޖީ މިވަގުތު އޮތީ ތިންވަނައިގައެވެ. ޕީއެސްޖީން ރޭ ކުޅުނު މެޗުގައި އެޓީމުގެ އިދުރީސީ ގާނާ ގުއެޔާއާއި ޑިފެންޑަރު ޕްރެސްނެލް ކިމްޕެންބޭއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. މެޗުގައި އެންހެލް ޑިމަރިއާ ވަނީ ޕެނެލްޓީއެއްވެސް ނާކާމިޔާބު ކޮށްލައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު