ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރާ ގޮތަށް ރިސޯޓުތައް ހުޅުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓުހައުސްތައް ހުޅުވީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތަކާއި ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެނީ އެޗްޕީއޭގެ އުސޫލުގައިވާ ކަންކަން އެތަންތަނުގައި ފުރިހަމަވާ ނަމައެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ތަންތަނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ ގިނަ ތަންތަނުން އުސޫލާ އެއްގޮތަށް އަމަލުކުރި ނަމަވެސް ބައެއް ތަންތަނުން އުސޫލާ ހިލާފުވާކަން ފާހަގަވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ބުނީ، ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެޗްޕީއޭގެ އުސޫލާ ހިލާފުވާކަން ދެން ފާހަގަކުރެވޭ ނަމަ މި ހާލަތުގައި އެތަނެއް ހުޅުވަން ދީފައިވާ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ބާތިލު ކުރާނެ ކަމަށެވެ. އަދި އުސޫލުތައް ހަދާފައި ހުންނަނީ އެންމެންގެވެސް ރައްކަލަކަށް ކަމަށްވެސް ބުންނެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ދ. ކަނޑިންމަ ރިސޯޓުގައި ކޮވިޑް 19 ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން ދުވަސްވީ މުވައްޒަފަކަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އިރު އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 46 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެ ކޭސްއާ ގުޅިގެން އެ ރިސޯޓު މެނޭޖްމަންޓުގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަމާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.