އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުއްޓައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާ ކަރަންޓީނުގެ އުސޫލާ ހިލާފުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާ ހޯމް ކަރަންޓީންގެ އުސޫލާ ހިލާފުވެފައިވާ ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހާގެ ދެވަނަ ސާމްޕަލްއެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މީގެ ކުރިންވެސް ބައެއް ރަށްރަށުގައި ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވި ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މާލޭ ސަރަހައްދުން ކޮވިޑްގެ ކޭސްތައް މަދުވަމުން އަންނަ އިރު، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކޮވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. ނަމަވެސް އެގޮތަށް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 11،000 އަށްވުރެ ގިނަ މީހުން ކޮވިޑް 19 ޕޮޒިޓިވް ވެފައިވާ އިރު، 10،000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 38 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ދިވެހިންނެވެ.