އިޓަލީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދިރިއުޅޭތާ މިހާރު ދެ އަހަރު ވެގެން ދިޔައީ ކަމަށާއި، އޭނާ އިޓަލީ ބަސް ދަސް ނުކުރަނީ ގޮތް ކުޑަކަމުގެ އިތުރުން އަމިއްލަ ޓީމުގެ ކުޅުންތެރިންނަށް އިހުތިރާމް ކުޑަކުރުމަށް ކަމަށް ކުރިން ޔުވެންޓަސްއަށް ކުޅެފައިވާ ޑިފެންޑަރު ޕަސްކުއާލް ބްރޫނޯ ބުނެފިއެވެ.

ރެއާލް ދޫކޮށް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ ދެ ސީޒަން ކުރިންނެވެ. ރޮނާލްޑޯއަށް އަދިވެސް އިޓަލީގެ ބަސް ނޭނގޭ ކަމަށް ބްރޫނޯ ވަނީ ބުނެފައެވެ. ބްރޫނޯ ބުނެފައި ވަނީ ރޮނާލްޑޯ އިޓަލީއަށް އިހުތިރާމް ކުރަން ބޭނުން ނުވާ ކަމަށާއި، ބަސް ދަސް ނުކުރުމަކީ ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް އިހުތިރާމް ނުކުރުން ކަމަށެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ، އުމުރުން 35 އަހަރުގައިވެސް އިޓަލީ ލީގުގައި ވިދުން ގަދައެވެ. ޔުވެންޓަސްއާއެކު ޖެހިޖެހިގެން ދެފަހަރަށް ލީގު ތަށި ރޮނާލްޑޯ ކާމިޔާބުކުރިއިރު، އޭނާގެ ޓާގެޓަކީ ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު އުފުލައިލުން ކަމަށް ކުރިން ވަނީ ބުނެފައެވެ.

"ރޮނާލްޑޯއަކީ ވަރަށް ގޮތްކުޑަ މީހެއް. އިޓަލީގައި ދެއަހަރު ވީއިރުވެސް ބަހެއް ދަހެއް ނުކުރި. އަދިވެސް ވާހަކަ ދައްކަނީ ސްޕެއިން ބަހުން. އިޓަލީއަށްވެސް ކުޅުންތެރިންނަށްވެސް ގަދަރު ކުޑަކުރުން ނޫން އެހެން ކަމެއް އެކަމުގައި ނެތް،" ބްރޫނޯ ބުނެފައި ވެއެވެ.

ކުޅުންތެރިން ގައުމުތަކުގެ ލީގަށް ބަދަލު ވެ، ގިނަ ދުވަސްތަކެއް ނުނަގައި ބަސް ދަސްކުރާތަން އާއްމުކޮށް ފެނެއެވެ. ރޮނާލްޑޯގެ ކެރިއަރުގެ ކުރީކޮޅުގައި ޕޯޗުގަލްއިން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، ރޮނާލްޑޯ ވަނީ އިނގިރޭސި ބަސް ވެސް ދަސްކޮށްފައެވެ. އޭގެފަހުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލު ވެ، ރޮނާލްޑޯ ސްޕެނިޝް ދަސްކޮށްފައިވާއިރު، އާންމުކޮށް ކުޅުންތެރިން ގައުމުތަކުގެ ބަސް ދަސްކުރަނީ އެގައުމެއްގައި ދިރިއުޅުމަށް ފަސޭހަ ކުރުމުގެ އިތުރުން، އެހެން ކުޅުންތެރިންނާ ވާހަކަ ދެއްކުމަށް ފަސޭހައަކަށެވެ.