ރ. އުނގޫފާރު މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް މިހާރު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއޫގެ ދަށުން އުނގޫފާރުގެ 13 މަގެއްގެ ދުއްވޭ ސަރަހައްދުގެ ގޮތުގައި 16،488 އަކަ މީޓަރު ގާއިމުކުރާނެ ކަމަށް މީގެ ކުރިން އެމްޓީސީސީން ބުނެފައިވެއެވެ. އަދި އުނގޫފާރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ އިތުރުން ސައިޑް ވޯކް ހެދުމުގެ މަސައްކަތާއި މަގުތަކުގައި މަގު ބައްތި ހަރުކޮށް މަގުގައި ނިޝާނުތައް ހަރުކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި މަޝްރޫއުއަކީ 28.66 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.