ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް އެބަދާ ކަމަށް އެމަޝްރޫއުގެ މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނީން މިއަދު ބުނީ މި މަޝްރޫއުގެ ޖުމުލަ މަސައްކަތުގެ 34 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މިލަދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާތަނަށް މިލަދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓު ނިމިފައިވާ ކަމަށް ވެސް އެ ކުންފުނީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން މިލަދޫގެ އާ ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 248 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތާއި، 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 286 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމުގެ މަސައްކަތާއި، ބަނދަރު ސަރަހައްދުގައި ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި ހަރުކުރުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މި މަޝްރޫއަކީ 42.18 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ