ރަނގަޅު ފޯމެއްގައި ހުރި ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާގެ ހެޓްރިކާއެކު ލިވަޕޫލުން އިޓަލީގެ އެޓުލާންޓާ ކޮޅަށް ފަސް ގޯލް ޖަހައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-0ގެ ނަތީޖާ އަކުންނެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ކުޅުނު އެޓްލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖޮޓާގެ ހެޓްރިކްގެ އިތުރުން ލިވަޕޫލަށް ގޯލްތައް ޖަހައިދިނީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭއެވެ.

މިހާތަނަށް ގްރޫޕް ސްޓޭޖުގައި ލިވަޕޫލުން ކުޅުނު ތިން މެޗުވެސް އެޓީމު ކާމިޔާބުކުރީ ކޮޅަށް ގޯލެއް ވައްދައި ނުލައެވެ. ބާކީ އޮތް ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް ލިވަޕޫލަށް ގަދަ 16 ޔަގީން ވާނެއެވެ. މި ސީޒަންގައި ޑިފެންސް މައްސަލަތަކާ ކުރިމަތިލާން ޖެހުނު ލިވަޕޫލަށް އެއީ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ރޭގެ މެޗަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ޖޮޓާ ނެރުނީ މިހާތަނަށް ސީޒަންގައި ކުޅުނު މެޗުތަކުގެ ފޯމަށް ބެލުމަށްފަހުގައި ކަމަށް ބެލެވެއެވެ. އެކަން މެޗުގައި ޖޮޓާ ސާބިތުވެސް ކޮށްދިނެވެ. ފިރްމީނޯއަށް ފަހަކަށް އައިސް ގޯލް ޖެހުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ޖޮޓާ ވަނީ މެޗުގެ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހާފައެވެ.

ދެވަނަ ހާފަށް ނުކުމެ ފަސްވަރަކަށް މިނެޓް ތެރޭގައި ޖޮޓާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. މާނޭގެ ޕާހަކުން ގޯލްކީޕަރުވެސް ނައްޓައިލުމަށްފަހު ބޯޅަ ގޯލަށް ނިންމާލީ ޔަގީންކަމާ އެކުގައެވެ.

ޖޮޓާގެ ހެޓްރިކް ހެދި ދެވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލުން ފުލުފުލުގައި ދެ ގޯލްވެސް ޖެހިއެވެ. ސަލާހް އަމިއްލަ ހާފް ތެރެއިން ފެށިގެން ދުވެފައި ގޮސް ކައުންޓާ އެޓޭކްގައި ޖެހި ގޯލްގެ އިތުރުން މާނޭގެ ހިތްގައިމު ގޯލާއެކު ލިވަޕޫލުން ފަސް ތަރީގެ މޮޅެއް ޔަގީންކުރިއެވެ.

ގްރޫޕް ޑީގައި ރޭ އަޔެކްސްއިން މިޑްޖީލޭން ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ތިން މެޗުން ނުވަ ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ އަޔެކްސްއެވެ. ތިންވަނައިގައި އޮތް އެޓްލާންޓާއާއި އަޔެކްސްއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އަޔެކްސްއަށް ދެވަނަ ލިބެނީ ގޯލް ތަފާތުންނެވެ.