ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ.

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނަސްރުގެ ދުވަހާ ގުޅުވައިގެން މިރޭ އިދިކޮޅުން "ބަޑި ބުރާސްފަތި" ނަމުގައި ކުރިއަށްގެންދިޔަ ޖަލްސާގެ ތެރެއިންނެވެ.

އެ ޖަލްސާއަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށް ބުނެ ފުލުހުން ވަނީ އެ ޖަލްސާ ހުއްޓުވައިފިއެވެ. ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ހަރަކާތާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާތަކެއް ކުރި ފަހުންނެވެ.

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސުޖާއު ފުލުހުންގެ ބެލުނުގެ ދަށަށް ގެންގޮސްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށާއި އެހެންކަމުން އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، މިރޭގެ ޖަލްސާ ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތުން އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެ ގައިޑްލައިނާ ހިލާފަށް މީގެ ކުރިން ވެސް ބޭއްވި އެއްވުންތައް ފުލުހުން ވަނީ ހުއްޓުވައިފައެވެ.