ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 46 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 46 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 10،962 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 59 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި 30 ބިދޭސީންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން 26 މީހަކު އަދި އަތޮޅުތެރެއިން 33 މީހަކު ޕޮޒިޓިވްވިއެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 27 މީހަކު ހިމެނެއެވެ. އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު 46 އަށް ވަނީ އަރައިފައެވެ.

ކަނޑިންމަ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 11،796 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 216 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 55 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފައެވެ. އެއީ 32 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ،