މިދިޔަ 24 ގަޑިއިރު ތެރޭ 59 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 11،796 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި 30 ބިދޭސީން ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން 26 މީހަކު އަދި އަތޮޅުތެރެއިން 33 މީހަކު ޕޮޒިޓިވްވިއެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 27 މީހަކު ހިމެނެއެވެ. އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު 46 އަށް ވަނީ އަރައިފައެވެ.

ކަނޑިންމަ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުންނެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 46 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 10،962 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 789 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 216 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 55 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފައެވެ. އެއީ 32 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.