ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރިސޯޓުން ޕޮޒިޓވިވްވީ ޖުމުލަ އަދަދު 46 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދިން ގޮތުގައި ކަނޑިންމަ ރިސޯޓުން އިތުރު 27 މީހެއްގެ ސާމްޕަލް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން މީގެ ކުރިން ޕޮޒިޓިވްވި 19 މީހުންނާއެކު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 46 އަށް ވަނީ އަރައިފައެވެ.
އެޗްއީއޯސީން ބުނީ އެ ރިސޯޓުން ނެގި 176 ސާމްޕަލްގެ ތެރެއިން 46 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ އިރު، 126 ސާމްޕަލެއް ނެގަޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.
ކަނޑިންމަ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުންނެވެ.
ކަނޑިންމަ ރިސޯޓަށް މީހުން އަރައި ފޭބުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު