އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ބެލުމަށް އެދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް ޕީއެންސީން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީގަލް ޓީމުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އެބޭފުޅުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ނަޝީދު ބޭނުން ކުރެއްވިކަމަށް ކުރާ ތުހުމަތުތަކަކީ ސީދާ އެމްޑީޕީގެ ތެރެއިން ކުރާ ތުހުމަތުތަކަކަށްވާއިރު ވެސް، ދައުލަތުގެ މުއައްސަސާތައް އެ މައްސަލަ ބެލުމަށް ނުކުޅެދިފައިވާ ކަމަށެވެ.

ތަފްސީލު ދެއްވަމުން އެ ނިއުސްކޮންފަރެންސްގައި އިންނެވި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ، އެ ތުހުމަތުތައް ރައީސް ނަޝީދުުގެ މައްޗަށް ކުރައްވާފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއަބު އަލީ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ޝުއައިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވަގު ފައިސާއިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ، ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އެމްޑީޕީގެ ލީޑަރުންނަށް އެ ފައިސާއިން ވަނީ ސޮދަގާތް ކޮށްފައި ކަމަށާއި ގާނޫނުއަސާސީއަށް ބަދަލު ގެނެސް ރާއްޖެއިން ބިން ވިއްކުމާއި، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަަމަށް ކުރިމަތިލެވޭ އުމުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މަޖިލީހުން ބަދަލު ގެނައީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފޮނުވަން ސީދާ ރައީސް ނަޝީދުގެ އޯޑަރަށް ކަމަށްވެސް ޝުއައިބު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ފަތުހީ ވިދާޅުވީ، ޝުއައުބުގެ އެ ތުހުމަތުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ޖަރީމާ ޕްލާންޓް ކުރެއްވުމާއި، އޭގެ މަންފާ ލިބިގަނެ، އެ ރިޝްވަތުގެ ބޭނުްކުރެއްވި ޖަރީމާއެއްކަމަށް ސާބިތު ކުރެވޭ ވަރާ ގާތަށް ހެތްކާއި ގަރީނާ އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ކެބިނެޓުގައި އަދީބު ހިމަނަން ރައީސް ނަޝީދު ކުރެއްވި މަސައްކަތްތަކާއި، އެމްއެމްޕީއާރުސީގެ މައްސަލައާ ބެހޭ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ކަމަށާއި އެކަމާބެހޭ އެތައް ހާސް އެސްއެމްއެސްތަކެއް ލިބިވަޑައިގަތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަަތައްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ހަގީގަތުގައި އެތަކެއްޗަކީ ތަހުގީގީ އިދާރާތަކުގައި ހުންނަންޖެހޭ ތަކެތި ކަމަށެވެ. ނަމަވެސް އެތަކެތި ހުރީ ރައީސް ނަޝީދުގެ އަތްޕުޅުގައި ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.