އާޖެންޓީނާގެ ތަރި، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، ގަދަކަމުން އެ ކްލަބުގައި މަޑުކުރުވަން މަސައްކަތް ނުކުރާނެ ކަމަށް ބާސާގެ ރައީސް ކަމަށް ވާދަކުރައްވާ ޕެރެ ރިއެރާ ވިދާޅުވެއްޖެއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ބާސާ ދޫކޮށް ދިޔުމަށް މެސީ ވަނީ އަމިއްލައަށް އެދިފައެވެ. އެކަމަކު އޭރު ބާސާގެ ރައީސް ކަމުގައި ހުރި ޖޯސެފް މާރިއޯ ބާޓޮމިއޫ ވަނީ މެސީ ކްލަބުގައި ހިފަހައްޓާފައެވެ. ގާނޫނީ ގޮތުން ދަތިތައް ކުރިމަތިކޮށް، މެސީގެ ކޮންޓްރެކްޓް އުވާލަން ބާޓޮމިއޫ ދެކޮޅު ހަދާފައިވާއިރު މެސީ އޭރު ބުނެފައި ވަނީ މި ސީޒަނަކީ އޭނާ ބާސާއަށް ކުޅޭ ފަހު ސީޒަން ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ބާޓޮމިއޫގެ އިސްތިއުފާއާއެކު މެސީގެ އެ ވާހަކަތަކަށް ބަދަލުތައް އަންނާނެއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މެސީ އަބަދުވެސް ބޭނުންވީ ބާސާގައި މަޑުކުރަން. ތާރީހަށްޓަކައެއް ނޫން. އެއީ މެސީ ދިޔުމަކީ ބާސާއަށް ވެސް އަދި މެސީއަށްވެސް ރަނގަޅު ކަމަކަށް ނުވާތީ. މެސީގެ ކެރިއަރުގައި އެންމެ ފަހުގެ ނިންމުން ނިންމާނީވެސް މެސީ. އަހަރެން ހުރިހާ ކަމެއް ހުއްޓާލާފަ މެސީ މަޑުކުރުވަން ވަކި ހާއްސަ ކަންތައްތަކެއް ނުކުރާނަން،" މެސީއާ ގުޅޭ ގޮތުން ރިއެރާ ވިދާޅުވެފައިވެއެވެ.

މާޔޫސްކަމުގައި ސީޒަން ފެށި މެސީއަށް މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއްވެސް ސީޒަންގައި ދެއްކިފައެއް ނުވެއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ މެސީ މިހާތަނަށް ކުޅުނު މެޗުތަކުގައި އޯޕަން ޕްލޭއިން ގޯލެއް ނުޖެހޭތާ 877 މިނެޓް ވެފައިވާއިރު، ކޯޗު ރޮނަލްޑް ކޯމަންވެސް ވަނީ ނުސީދާ ކޮށް މެސީއަށް ފާޑު ވެސް ކިޔައިފައެވެ.

ކޯމަން ބުނެފައި ވަނީ އޭނާގެ ޓީމުގެ އެޓޭކާއި ގުޅިގެން މާޔޫސްވެފައިވާ ކަމަށާއި، ޓީމުގެ އެޓޭކް ރަނގަޅުކުރަން ކޮންމެހެންވެސް ޖެހޭ ކަމަށެވެ.

ބާސާގެ ރައީސް ކަމުން ބާޓޮމިއޫ އިސްތިއުފާ ދީފައިވަނީ އެ ކްލަބުގެ އާންމު މެންބަރުން އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާން މަސައްކަތް ކުރަނިކޮށެވެ. ބާސާގެ އިންތިހާބު އޮންނާނީ 2021 ވަނަ އަހަރުއެވެ. މިހާރު ކްލަބު ހިންގަނީ އިންތިގާލީ ބޯޑަކުންނެވެ.