ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން، ދިވެހި ގައުމު ހިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، އަޅުގަނޑުމެންގެ ހަނދާނުން ދުވަހަކުވެސް ފުހެވިގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 3 ނޮވެމްބަރު 1988 ގައި ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ މީހުން ރާއްޖެއަށްދިން، އުދުވާނީ ހަމަލާއިން ސަލާމަތްވެ ރާއްޖެއަށް ނަސްރު ލިބުން ފާހަގަކުރާ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައެވެ.
އެ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް ދިވެހި ސިފައިން ކުރި މަސައްކަތް ފާހަގަ ކުރައްވައި އެ ހިތާބުގައި ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ ދިފާއީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި، ލޯބިވުމުގެ މުހިންމު ކަން ކަމަށެވެ. އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީން ދޭހަ ވަނީ ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމަށެވެ. އަދި އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދާ ކަމަށާއި، ޖީލުން ޖީލަށް އެ ލޯބި ވާސިލުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމަށެވެ.
ނޮވެންބަރު 3ގެ އުދުވާނު ނާކާމިޔާބު ކޮށްލުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ދައުލަތަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެދުވަހުގެ އެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވި އެންމެހައި އާންމު ރައްޔިތުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެފަދައިން، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިއާ ސަރުކާރުން، އަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، މި ފުރުސަތުގައި ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު