އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ޑރ. މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ސ. ހުޅުދޫ، ކުއްޅަވައްގެ، ޑރ. މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ޑރ. ސޯލިހު މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެ ފެންވަރުގައި ކަމަށް ހޫދު ވިދާޅުވިއެވެ.
ޑރ. ސޯލިހަކީ ސިއްހީ ދާއިރާގައި 24 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ސޯލިހު 2013 ވަނަ އަހަރުން ފެށިގެން، އޭއީއެޗް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ މެޑިކާގެ ޗީފް ސާޖަންގެ މަގާމުގައެވެ. އަދި ޑރ. ސޯލިހު ވަނީ މެޑިކާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން 2012 އިން 2014 އަށް ޑރ. ސޯލިހު ވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވައިފައެވެ. އަދި ޑރ. ސޯލިހު ވަނީ ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވައި، އެ ހޮސްޕިޓަލުގެ އެކި މަގާމުތައް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު