އައިޖީއެމްއެޗާ ދިމާލުން ބޭރުގައި މަރުވެފައި އޮއްވައި މޫދުން ފެނުނު މުހައްމަދު ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އާތިފާ ހަސަން ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދީފަ އެވެ. އާތިފާ ވިދާޅުވީ، ސިދުރަތުﷲގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައިވަނީ ޓްރިވެންޑުރަމްގައި ހުންނަ މެޑިކަލް ކޮލެޖަށް ކަމަށެވެ.

ގދ. ވާދޫއަށް އުފަން އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވެފައި އޮއްވައި މޫދުން ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމުތަކެއް ހުރިކަން އައިޖީއެމްއެޗުން ކަށަވަރުކޮށްދިން ނަމަވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރީ ކޮންކަހަލަ ޒަހަމުތަކެއް ކަމެއް ކަށަވަރުކޮށެއް ނުދެ އެވެ.

އެހެންކަމުން އޭނާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި، މިއަދާ ހަމައަށް އޭނާގެ ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގަ އެވެ.

ސިދުރަތުﷲގެ މަރުގެ ތަހުގީގަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ރަސްފަންނަށް ދިޔަ މީހުންގެ އެހީއަށް ފުލުހުން އެދިފައިވާއިރު، އޭނާ އެންމެ ފަހުން ފެނިފައިވާ ތަނެއް ބެލުމަށްފަހު ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖެއްވެސް އާންމުކޮށްފަ އެވެ.

އެ ފުޓެޖާއެކު ފުލުހުން ބުނީ، ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އެ ސަރަހައްދަށް ގޮސްފައިވަނީ ފައި މަގުގައި ހިނގައިފަ އެވެ.