Close
ޕޮލިސް

ހަތަރު މިލިއަން ފޭރެން އުޅުނު މީހުންނާއި އެހީތެރިން ދެނެގަނެ، ބައެއް ތަންތަން ފާސްކުރަނީ

އިބްރާހިމް ޒަކީ

ހުސްވި އޮކްޓޫމަރު މަހުގެ 25 ވަނަ ދުވަހު، ރޫޓު ފިހާރަ އިން ބޭންކު އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މީހުންނާއި އެކަމަށް އެހީތެރިވި މީހުން ދެނެގަނެވިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމުގެ ތަހުގީގަށްޓަކައި ބައެއް ތަންތަން ފާސް ކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެެވެ.

ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ މާރާމާރީތަކާއި، ފޭރުމުގެ މައްސަލަތަކާއި މަގުމަތިން ފައިސާ ފޭރުން ގިނަވަމުންދާ މައްސަލައިގައި ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، މައުލޫމާތު ދެއްވަމުން އެސިސްޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެ ފޭރުމުގެ އަމަލު އަމަލީގޮތުން ހިންގި ހަތަރު މީހުން ފުލުހުހުންގެ ބެލުމުގައި އެބަތިބި ކަމަށެވެ.

އޭގެ އިތުރުން ފައިސާ ހިފައިގެންދިޔަ ވޭނަށް ފާރަލަމުންދިޔަ މީހުންވެސް އަތުލައިގަނެ އެމީހުން ދެނެގަނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަަދި އެމީހުން ދަތުރުކޮށްފައިވާ ރޫޓުތަކުގެ ސީސީޓީވީ ފްޓޭޖް ނަގައި ތަހުގީގު ކުރަމުންދާ ކަމަށާއި، ބައެއް ތަންތަން ފާސްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ފޭރެން މަސައްކަތް ކޮށްފައިވަނީ ރޫޓުގެ ފައިސާ ހިފައިގެން އައި ވެހިކަލަކުންނެވެ. މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވެހިކަލުން ފޭރެން މަސައްކަތްކޮށްފައިވަނީ ދެ ސައިކަލެއްގައި އައި ހަތަރު މީހެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާ އަޅާފައި ހުރި ފޮށިގަނޑު އެމީހުން ފޭރެން އުޅެނިކޮށް، ހުއްޓުވާފައިވަނީ ބީއޯސީގެ ސެކިއުރިޓީ ގާޑެކެވެ. އަދި ފައިސާ ފޭރެން އުޅުނު މީހުން އަތުލައިގަތުމަށް ސައިކަލެއްގައި އައި އެހެން މީހަކު މަސައްކަތްކުރާ ތަން ވެސް ވީޑިއޯ އިން ފެނެއެވެ.