ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި، ކިރުމައިންގެ ގޮތުގަ އާއި ކުދިންބަލައި ގޭގައި ނޯކިރީންގެ ގޮތުގައި އަންހެނުން ބެއިތިއްބުމަކީ، އެކަމަށް ދިވެހި މުޖުތަމައު އެނބުރުމަށް އިންތިޒާމު ވެގެން ހިންގަމުން އަންނަ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ތަކުރާރުކޮށް ގެއްލުންދީ އައިންތުއަށް ފުރައްސާރަ ކުރަމުންދާތީ އެމައްސަލަ، ކަމާ ބެހޭ މުއައްސާސަތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަލީ އާޒިމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ބަހުސް ކުރަމުން އަންނަ މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި ކިރުމައިންގެ ގޮތުގަ އާއި ދަރިން ބަލާން ގޭގައި ނޯކިރީކުރާ ބައެއްގެ ގޮތުގައި ބޭތިއްބުމަށް ހަރުކަށި މީހުންގެ ބައްޓަމަށް ދިވެހި މުޖުތަމައު އެނބުރުމަށް ކުރަމުން އަންނަ މަސައްކަތަކީ ބިރުދައްކައިގެން ބާރުގެ ބޭނުންކޮށްގެން އިންތިޒާމުވެގެން ހިނގަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"ހަރުކަށި ފިކުރުގެ މީހުން ބޭނުންވާ ބޭނުމެއް، އަންހެނުން ގޭގައި ބައިތިއްބައި، ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި ކިރުމައިންގެ ގޮތުގަ އާއި އަދި ދަރިންބަލައި ގޭގައި ނޯކިރީކުރާ ބައެއްގެ ގޮތުގައި ބެއިތިއްބުމަށް، މި ފިކުރުގެ ބައްޓަމަށް ދިވެހި މުޖުތަމައު އެނބުރުމަށް ބަޔަކު ބިރު ދައްކައިގެން ބާރުގެ ބޭނުންކޮށްގެން އިންތިޒާމުވެގެން ހިނގަމުން އަންނަ މަސައްކަތެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އައިންތުގެ މައްސަލައާ ގުޅިގެން، ވަރަށް ފުޅާ ސުވާލެއް މެންބަރުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އެ ފުޅާ ސުވާލަކީ އެ އިންތިޒާމުގައި ދައުލަތުގެ އެހެން މުއައްސަސާތައް ބައިވެރިވަނީތޯ އުފެދޭ ސުވާލު ކަމަށެވެ. އެއީ އެ ކަންބޮޑުވާ އިތުރު ސަބަބެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.