ރާއްޖޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ތަކުރާރުކޮށް ގެއްލުންދީ އައިންތުއަށް ފުރައްސާރަކުރަމުންދާތީ އެކަން ކަމާ ބެހޭ މުއައްސާސަތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަލީ އާޒިމެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ، މާލޭ ސީޓަގައި ޓެކްސީގެ ހިދުމަތްދެމުން ގެންދާ ހަމަ އެކަނި އަންހެން ޓެކްސީ ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)އަށް އެކި ފަހަރުމަތިން އެކި އެކި ފުރައްސާރަކޮށް، އޭނާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުން ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، އާމްދަނީ ހޯދުމަށް ހުރަސް އެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާއަށް އެ ހާލަތު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އޭނާއަށް ގެއްލުން ދެމުންދާ މީހުންނަށް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މުސްތަގުބަލުގައިވެސް އާމްދަނީ ހޯދުމަށް އަންހެނުން ކުރާ މިފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، އެހެންކަމުން އެގޮތަށް އެފަދަ ފަރާތްތަކަށް ހިތްވަދު ދިނުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް އަލީ އާޒިމް ވަނީ ގޮވާލައްވައިފައެވެ.
އަލީ އާޒިމް މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން ނެގި ވޯޓުގައި އެ މައްސަލައަށް ބަހުސް ކުރަން ފާސްކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި މައްސަލައިގެ ބަހުސްގައި ހުރިހާ މެންބަރުންނަށް ފުރުސަތު ނުލިބިދާނެތީ، މި މައްސަލައަށް ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި މައްސަލައަކީ އައިންތުގެ ކާރަށް މިފަހުން ގެއްލުންދީ ކާރުގެ ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
މިއީ އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ފަސްވަނަ ފަހަރެވެ. އައިންތުގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތައް މަރާމާތުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެއެވެ. މިފަހަރު ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް