މިމަހުގެ ނުވައެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އަންނަ 2021 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، މަޖިލީހުގައި ބަޖެޓު ބަހުސް ފެށޭނީ މިމަހުގެ 16 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓް ގާނޫނުގައިވާގޮތުގެ މަތިން މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް މަޖިލިސް ގަވައިދު ބުނާގޮތުން މެންބަރުންނަށް ބަޖެޓް ދެވޭނީ، ފިނޭންސް މިނިސްޓަރު އެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވުމުން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މިމަހު ނުވައެއްގައި ބަޖެޓު ހުށަހެޅުއްވުމަށްފަހު ބަޖެޓު ބެއްލެވުމަށް ހަފްތާއެއްގެ ނޯޓިސް މެންބަރުންނަށް ލިބޭނެ ކަމަށެވެ. އަދި ބަޖެޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު ހަފްތާއެއް ދިނުމަށްފަހު ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ފަށައިގަނެވޭނެ ކަމަށާއި، މިމަހު 16 ވަނަ ދުވަހު ބަޖެޓު ބަހުސް ފަށައި ކޮންމެ މެންބަރަށް 15 މިނެޓު ބަހުސް ކުރުމަށް ދެއްވޭނެ ކަމަަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރޭގަނޑާއެކު މަޖިލީގައި ބަޖެޓްގެ މަސައްކަތް ކުރިއަށްގެންގޮސް ޑިސެމްބަރުގެ ފުރަތަމަ ހަފްތާގައި ބަޖެޓުގެ މަސައްކަތް ނިންމައި ފާސް ކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، 2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި 35 ބިލިޔަނެއްހައި ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް